ވިސްނާ ބަޔަކަށް މިއީ ވެސް ޢިބުރަތެކެވެ.
އިންސާނުން ފަދައިން ޖިންނީންވެސް ހެއްދެވުނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އެކަނި އަޅުކަން ކުރުމަށެވެ. އަޅުކަމުގެ ފުރަތަމަ މަހައްލަކީ އިޚްލާޞްތެރިކަމެވެ. ކަންދެއްކުމަށް ކުރާ ޢަމަލުތައް ޤަބޫލުކުރެއްވިގެން ނުވެއެވެ. އިޚްލާޞްތެރިކަމަކީ ތިމާ ކަމެއްކުރާއިރު އޭގެ އެއްމެ ފުރިހަމަ ގޮތުގައި އެކަމެއް އަދާކުރުމެވެ.
އަދި ހަމައެހެންމެ އެހެންމީހުންގެ ލޯތްބާއި ތާއީދާއި ތަޢުރީފުގެ ބަސްތައް ހޯދުމުގެ ނިޔަތެއްނެތި އޭނަޔާއި ހަވާލުކުރެވޭ މަސައްކަތެއް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމެވެ. މާތް ﷲ އަށް އިޚްލާޞްތެރިވުމަކީ ތިމާ ﷲ އަށް އަޅުވެތިވާ އަޅުވެތިވުން ހަމައެކަނި އެކަލާނގެއަށް ޚާލިސް ކުރުމެވެ. އެކަލާނގެއަށްޓަކައި ހިތް ސާފުކުރުމެވެ. އިޚްލާޞްތެރިވުމުގެ އިދިކޮޅު ސިފައަކީ ދެއްކުންތެރިކަމެވެ. ވީމާ އިޚްލާޞްތެރިވެވޭނީ އެމިހެއްގެ ހިތުގެ ނިޔަތް ރަނގަޅުކޮށްގެންނެވެ.
قال يوسف بن الحسين الرازي: «أعز شيء في الدنيا الإخلاص وكم أجتهد في إسقاط الرياء عن قلبي وكأنه ينبت فيه على لون آخر».ޔޫސުފް ބިން އަލްޙަސަނު އައްރާޒީ ވިދާޅުވިއެވެ. އިޚްލާޞްތެރިކަމަކީ ދުނިޔޭގައިވާ އެންމެ ޢިއްޒަތްތެރި އެއްޗެވެ. އަހަރެމެންގެ ހިތުން ދެއްކުންތެރިކަން ފިލުވައިލެވޭތޯ ކިހާގިނައިން އަހަރެން މަސައްކަތްކުރަމު ހެއްޔެވެ؟
ކޮންމެވެސް އެހެންކުލައެއްގައި ހިތުގައި ރޯވެ ހެދިގަންނަ ފަދައެވެ.ދެއްކުމަށް ކަންތައް ކުރާ މީހުންގެ ޢަމަލުތަކަކީ ބޭކާރު ވެގެންވާ ޢަމަލު ތަކެކެވެ. އޭނާ ކިތަންމެ ބައިވަރު ނަމާދަކާ ރޯދައަކާ ޞަދަޤާތަކާ އެކު މަރުވެ ދިޔަޔަސް އެއިން އެއްވެސް ޢަމަލަކުން ފައިދާ އެއް ނުލިބުނު ތަނުގައި ލިބޭނީ ނަރަކައިގެ ވޭންދެނިވި އަޛާބެވެ.
Average Rating